ބާބުތައް
ފޮޓޯތަށް


ކައުންސިލްގެ ހިންގާ ޤަވާއިދު
ޤަވާއިދުގެ ލިޔުންތައް
ކައުންސިލްގެ ހިންގާ ޤަވާއިދުގެ ލިޔުންތައް މި ބައިގައި ހިމަނާނެއެވެ.
ކައުންސިލްގެ ނިންމުން
ނިންމުންތައް
ކައުންސިލްގެ ނިންމުންތައް މި ބައިގައި ހިމަނާނެއެވެ.
ގުޅުއްވުމަށް
މަޢުލޫމާތު
ގުޅުއްވާނެ މަޢުލޫމާތު މި ބައިގައި ހިމަނާނެއެވެ.
އިސްބަސް
މިފޮތަކީ ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި ކައުންސިލަރުން، އިދާރީ މުވައްޒިފުން އަދި ކަމާއި ގުޅޭ މުއައްސަސާތަކަށް ލާމަރުކަޒީ އުސޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމާއި ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުމުގެ މަގުސަދުގައި ތައްޔާތުކުރެވިފައިވާ ލުއި ފޮތެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އަބަދުވެސް އަންނަނީ ބަދަލުތަކެއް ގެންނަމުނެވެ. އެގޮތުން އެއިރެއްގައި އޮންނަ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް ލާމަރުކަޒީ ގޮތުން ރަށްތައް ހިންގުމަށް ދީފައިވާ ބާރުތައް ހަނިކޮށް ފުޅާ ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު، ލާމަރުކަޒީ ނިޒާމަށް ވަނީ ބޮޑެތި އަދި މުހިންމު ބަދަލުތަކެއް އައިސްފައިވެއެވެ. މި ބަދަލުތަކުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނާ ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމާއި، ރަށާއި ސިޓީގެ ތަރައްޤީގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުން ނުވަތަ މަރުކަޒީ ސަރުކާރަށް ބާރުތައް ނެގުމެވެ.
މި ލުއިފޮތަކީ ފުވައްމުލައް ސިޓީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (WDC) ގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި، މާލީ ބާރުވެރިކަމުގެ އިތުރުން ރައްޔިތުންނާ އޮންނަންޖެހޭ ގުޅުމުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކުރެވިފައިވާ މަގުޗާޓެކެވެ. ޚާއްޞަކޮށް، އެއް ފަސްގަނޑެއްގައި އޮތް ސިޓީއެއްގެ ހައިސިއްޔަތުން ފުވައްމުލަކުގެ ތަރައްޤީގެ ޕްލޭންތައް އެކުލަވައިލުމާއި، ޚިދުމަތްތައް ސިންދަފާތުކުރުމުގައި ކައުންސިލާއި WDC ގެ މުހިންމުކަން މި ފޮތުން އެނގިގެންދާނެއެވެ.
އުންމީދަކީ މި ލުއިފޮތުގެ ސަބަބުން ކައުންސިލަރުންނާއި، WDC މެންބަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ފުވައްމުލައް ސިޓީގެ އާންމު ރައްޔިތުންނަށް ލާމަރުކަޒީ ނިޒާމުގެ ޤާނޫނީ އިންތަކާއި އުޞޫލުތައް އެނގި، ސިޓީގެ ތަރައްޤީއަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށްވެގެން ދިއުމެވެ.
މިފޮތް ތައްޔާރުކުރުމުގައި އެހީތެރިވި އެންމެހައި ފަރާތްތަކަށް ނުހަނު އިޙްލާސްތެރިކަމާއި އެކު ޝުކުރު ދަންނަވަމެވެ. އެގޮތުން މިފޮތް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ފުވައްމުލައް ސިޓީ ކައުންސިލް، ފުވައްމުލައް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ޑިޖިޓަލް ޑިމޮކްރަސީ އިނިޝިއޭޓިވް، ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފިސްޑާ)، އެވެއަރ ސޮސައިޓީ ގެ ނަން ހާއްސަގޮތެއްގައި ފާހަގަ ކޮށްލަމެވެ. ފޮތުގެ ލޭއައުޓް ތައްޔާރުކޮށްދެއްވި................. އަށް ވެސް ހާއްސަ ޝުކުރެއް ދަންނަވަމެވެ.
ލާމަރުކަޒީ ނިޒާމުގެ ތައާރަފް
މި ބާބުގައި
ލާމަރުކަޒީ ނިޒާމަކީ ދައުލަތް ހިންގުމުގެ ބާރުތަކާއި، ނިންމުންތައް ނިންމުމުގެ އިޚްތިޔާރު، އަދި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު މަރުކަޒީ ސަރުކާރުގެ ކިބައިން ވަކިކޮށް، ސަރަހައްދީ އަދި އިދާރީ ދާއިރާތަކަށް (ކައުންސިލްތަކަށް) ބަދަލުކޮށްދޭ ނިޒާމެކެވެ. މީގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނާ އެންމެ ކައިރިން އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި، އަމިއްލަ ރަށުގެ ނުވަތަ ސިޓީގެ ތަރައްގީގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ.
ލާމަރުކަޒީ ގާނޫނު (7/2010) ގެ 2 ވަނަ މާއްދާގައި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުން ކަމަށް ބުނެފައިވަނީ "ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަން، ދީމިޤްރާޠީ އަދި ޖަވާބުދާރީވަނިވި އުޞޫލުން ރައްޔިތުން އަމިއްލައަށް ނިންމުމަށް މަގުފަހިކޮށް، އިޖްތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުންނާއި، ޘަޤާފީ ގޮތުން ދިވެހިރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ރައްޔިތުން ބާރުވެރިކޮށް، ރައްޔިތުންނާ އެންމެ ގާތުން ފުޅާ ދާއިރާއެއްގައި ޚިދުމަތް ލިބޭނެ މަގު ފަހިކޮށްދީ، ދިވެހިރާއްޖޭގެ ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމްކުރުމެވެ".
1.1 ދިވެހިރާއްޖެއަށް ލާމަރުކަޒީ ނިޒާމު އައި ގޮތް
2008 ގެ ގާނޫނު އަސާސީ: ދިވެހިރާއްޖޭގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނީ ބިންގާ އެޅިގެންދިޔައީ 7 އޮގަސްޓް 2008 ގައި ތަސްދީގުކުރެވުނު ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ދަށުންނެވެ.
ގާނޫނު ނަންބަރު 7/2010: ގާނޫނުއަސާސީގައިވާ އިރުޝާދުގެ ދަށުން، "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު" (7/2010) ފާސްވެ، 15 އޮކްޓޫބަރު 2010 ގައި ފުރަތަމަ ކައުންސިލް އިންތިޚާބު ބޭއްވުނެވެ.
ގާނޫނަށް އައި ބޮޑެތި އިސްލާހުތައް: 2019 : ވަނަ އަހަރު ގެނެވުނު 8 ވަނަ އިސްލާހުން ކައުންސިލްތަކަށް މާލީ އަދި އިދާރީ ގޮތުން ބޮޑެތި ބާރުތަކެއް ދެވުނެވެ. މީގެ ތެރޭގައި ކައުންސިލްތަކުގެ 33% އަންހެނުންނަށް ޚާއްސަކުރުމާއި، ކައުންސިލްތަކުގެ ދައުރު 5 އަހަރަށް ބަދަލުކުރުން ހިމެނެއެވެ.
ސިޓީ ކައުންސިލްގެ މޭޔަރ އިންތިހާބުކުރުން: ސިޓީ ތަކުގެ މޭޔަރުންނާއި ރަށު ކައުންސިލް ތަކުގެ ރައީސުން ރައްޔިތުންގެ ވޯޓަކުން އިންތިހާބުކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ 2019 ވަނަ އަހަރު އެވެ.
އ.ތ.މ ކޮމެޓީގެ ރައީސް އިންތިހާބުކުރުން: އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (އ.ތ.މ) ގެ ރައީސް ރައްޔިތުންގެ ވޯޓަކުން ިންތިހާބުކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ 2025 ވަނަ އަހަރު އެވެ.
ލާމަރުކަޒު ކުރުމަށް ގާނޫނުއަސާސީން ލިބިދޭ ބާރުތައް
އިދާރީ އަދި ހިންގުމުގެ މުސްތަގިއްލުކަން: ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ދަށުން، ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ އުފުލުމުގެ ބާރު ލިބިގެންވާ އަމިއްލަ ނަމުގައި މުދާ ހޯދުމުގެ ގާނޫނީ ޝަޚްސެކެވެ.
މާލީ އަމިއްލަވެރިކަން: ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ ވަކި އިންސައްތައެއް (ބްލޮކް ގްރާންޓް) ކައުންސިލްތަކަށް ސީދާ ލިބުމާއި، ރަށުގެ އިޚްތިސާސްގައިވާ ވަސީލަތްތަކުން ލިބޭ އާމްދަނީގެ ބައެއް ކައުންސިލަށް ލިބިދިނުން.
ސިޓީ އަދި ރަށްރަށުގެ ތަރައްގީގެ ޕްލޭން އެކުލަވާލުން: ރަށާއި ސިޓީގެ ތަރައްގީގެ މާސްޓަރ ޕްލޭންތައް އަމިއްލައަށް އެކުލަވައިލުމާއި، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން (Land Use Plan) ކަނޑައެޅުމުގެ ބާރު.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (WDC): އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށްޓަކައި އިންތިޚާބުކުރެވޭ ޚާއްސަ ކޮމިޓީތަކަށް ގާނޫނީ ދަފްތަރެއް ފޯރުކޮށްދިނުން.
އާމްދަނީ ހޯދުމާއި ވިޔަފާރިކުރުން: ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށްޓަކައި ކުންފުނި އުފައްދައިގެން ވިޔަފާރިކުރުމުގެ ބާރުލިބިގެންވެއެވެ.
1.3 ލާމަރުކަޒީ ގޮތުން ފުވައްމުލައް ސިޓީ އަށް އައި ބަދަލުތައް
ލާމަރުކަޒީ ޤާނޫން ވުޖޫދުވެގެން އައީވެސް ފުވައްމުލައް އަށް ހާއްސަކަމެއް ގާނޫނޫގައި ލިޔެގެންނެވެ. އެގޮތުން އެއްފަސްވެފައި އޮންނަ 8 އަވަށުގައި ޒަމާނުއްސުރެ އިދާރީގޮތުން ބަލަމުން އައީ 8 ރަށުގެ ގޮތުގައެވެ. މިހެންކަމުން ރަށުވެރިކަމުގެ ނިޒާމްގައިވެސް އަބަދުވެސް ފުވައްމުލަކަކީ 8 ރަށެވެ. ލާމަރުކަޒީ ގާނޫނުގައިވެސް ފުވައްމުލަކަށް ހާއްސަ އަހައްމިޔަތުކަން ދީފައިވާކަން ފާހަގަ ކުރެވެއެވެ.
ފުވައްމުލަކަކީ އެކި ރަށްރަށަށް ބެހިފައިނުވާ، އެއް ފަސްގަނޑެއްގައި އޮންނަ ސިޓީއަކަށްވުމުން، މުޅި ސިޓީގެ ތަރައްޤީގެ ޕްލޭން އެކުލަވައިލުމުގައި ސިޓީ ކައުންސިލާއި އަވަށު ފެންވަރުގެ ބައިވެރިވުން މުހިންމު ދައުރެއް އަދާކުރެއެވެ.
2011 ވަނަ އަހަރު ފުވައްމުލައް ގައި 9 ކައުންސިލެއް އިންތިހާބު ކުރެވުނެއެވެ. އެގޮތުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާ އަކުން 2 މެމްބަރުންނެވެ. އޭރު އަތޮޅު ކައުންސިލްގައި ޖުމްލަ 6 މެމްބަރުން އިންތިހާބު ކުރެވުނެވެ. މީގެ އިތުރުން 8 ރަށު ކައުންސިލްގެ ކޮންމެ ކައުންސިލަކަށް 3 މެމްބަރުންން އިންތިހާބު ކުރެވުނެވެ. އެގޮތުން ފުވައްމުލައް ގައި ޖުމްލަ 30 ކައުންސިލަރުން ތިއްބެވެ.
2016 ވަނަ އަހަރު ފުވައްމުލައް ސިޓީ އަކަށް ބަދަލުވުން.
2016 ވަނަ އަހަރު ފުވައްމުލައް ސިޓީ ކައުންސިލަށް އިންތިހާބުކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އިންތިހާބީ ދާއިރާ އަކުން 1 މެމްބަރެކެވެ. އެގޮތުން ސިޓީ ކައުންސިލްގައި ތިއްބެވީ މޭޔަރ، ޑެޕިއުޓީ މޭޔަރ އަދި ކައުންސިލް މެމްބަރެކެވެ.
2021 ވަނަ އަހަރު އަނެއްކާވެސް ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހާއި އެކު ފުވައްމުލައް ސިޓީ 6 ދާއިރާއަކަށް ބަހައި ލުމަށްފަހު ކޮންމެ ދާއިރާ އަކުން މެމްބަރަކު އިންތިހާބު ކުރެވުނެވެ. އަދި މޭޔަރ އިންތިހާބުކޮށްފައިވަނީ މުޅި ސިޓީ އިން އިންތިހާބުކުރާ ގޮތަށެވެ. 6 ކައުންސިލް މެމްބަރުންގެ ތެރެއިން 33 ޕަސަންޓަކީ އަންހެނުނަށް ހާއްސަކުރެވިފައިވާ ގޮޑިތަކެއްކަމުން ފުވައްމުލައް ސިޓީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ 2 ގޮޑި އިންތިހާބު ކުރެވުނެވެ.
ޑަބްލިއު ޑީސީ އިންތިހާބުކުރެވުނީވެސް 6 ދާއިރާގެ މައްޗަށެވެ. ހަ ދާއިރާ އިން އިންތިހާބުވި މެމްބަރުންގެ ތެރެއިން ރައީސްއެއް އިންތިހާބު ކުރީއެވެ.
2025 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހާއި އެކު ފުވައްމުލައް ސިޓީގެ ކައުންސިލް މެމްބަރުންގެ އަދަދު 8 އަށް (ކޮންމެ އަވަށަކުން މެމްބަރެއް) އިންތިހާބުކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނެވުނެވެ. މީގެ އިތުރުން މޭޔަރ އިންތިހާބުކުރީ ސިޓީގެ ރައްޔިތުންގެ ވޯޓަކުންނެވެ.
2025 ވަނަ އަހަރު ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހާއި އެކު ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއު. ޑީ.ސީ) މެމްބަރުންގެ އަދަދު 8 އަށް (ކޮންމެ އަވަށަކުން މެމްބަރެއް) އިންތިހާބުކުރާ ގޮތަށް ހަމަޖެހިގެން ދިޔައެވެ. މީގެ އިތުރުން ކޮމެޓީގެ ރައީސްވެސް އިންތިހާބުކުރީ ސިޓީގެ ރައްޔިތުންގެ ވޯޓަކުންނެވެ.
ސިޓީ ކައުންސިލްގެ ބާރުތައް 39 ވަނަ މާއްދާ (7/2010)
މި ބާބުގައި
- 2.1 ސިޓީ ކައުންސިލުން ދޭ ރަށްވެހިކަމުގެ ޚިދުމަތްތައް 40 ވަނަ މާއްދާ (7/2010)
- 2.3 ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް 41 ވަނަ މާއްދާ (7/2010)
- 2.4 ސިޓީ ކައުންސިލްގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރ 42 ވަނަ މާއްދާ (7/2010)
- 2.5 ސިޓީ ކައުންސިލްގެ ޢުމުރު 43 ވަނަ މާއްދާ ((7/2010
- 2.6 މަސްއޫލިއްޔަތު ތައް: ސިޓީ ކައުންސިލްގެ މޭޔަރުގެ ވާޖިބުތައް 46 ވަނަ މާއްދާ (7/2010)
- 2.7 ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ ވާޖިބުތައް 47 ވަނަ މާއްދާ (7/2010)
- 2.8 ސިޓީ ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު 48 ވަނަ މާއްދާ (7/2010)
ލާމަރުކަޒީ ގާނޫނު (7/2010) 38 ވަނަ މާއްދާގައި ބުނެފައިވަނީ "މި ޤާނޫނުގެ ދަށުން އިންތިޚާބުކޮށް ޤާއިމްކުރެވޭ ސިޓީ ކައުންސިލަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާލިބިގަތުމުގެ ބާރު ލިބިފައިވާ އަދި އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ވަކި ސިއްކައެއް އޮންނަ ޤާނޫނީ ޝަޚްޞެކެވެ".
ސިޓީ ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި، ތަރައްޤީކޮށް، މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
(ށ) މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފާސްކުރާ ސިޓީގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުން.
(ނ) ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަޝްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެމިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެމިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
(ރ) އަވަށު އޮފީސްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ އޮފީސްތައް ހިނގާނުހިނގާގޮތް ބެލުން.
(ބ) އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަޝްވަރާއާއެކު، މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި، ސިޓީ ކައުންސިލްގެ ވާޖިބު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހިންގުން.
(ޅ) މި ޤާނޫނުގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ދާއިރާގެ ރަށްވެހިންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
(ކ) ކަމާބެހޭ ޤާނޫނުގެ ދަށުން ފާސްކޮށްފައިވާ ސިޓީގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާއި ސިޓީގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި، ދިނުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.
(އ) އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި، އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތަށް ކުއްޔަށް ދޫކުރުމާއި ދިނުން.
(ވ) ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއި މަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
(މ) ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް މި ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
(ފ) ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ކަނޑައަޅާ އުޞޫލުތަކާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށާއި ދޭންޖެހޭ ކަރަންޓާއި ބޯފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކި ފަރާތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތުކުރުން.
(ދ) ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
(ތ) ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކާއި އަވަށު އޮފީސްތައް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
(ލ) މީހުންގެ އަމިއްލަ ބިންތަކާއި މުދާ ޢާންމު ބޭނުމަކަށްޓަކައި ކޮންމެހެން ނަގަންޖެހިއްޖެނަމަ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޢަދުލުވެރި ބަދަލު ދިނުމަށްފަހު ނެގުން.
(ގ) ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަން ދިނުމާއި ނަން ބަދަލުކުރުން.
(ޏ) ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިދާން ފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވުމާއި ބަންދުކުރުން.
(ސ) މި ޤާނޫނުގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
(ޑ) ސިޓީއާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ ބިމާއި ސިޓީ ކައުންސިލްގެ ސަރަޙައްދުތެރޭގައި ހިމެނޭ ރަށްރަށުގެ ބިން ބޭނުންކުރުމާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީތަކާއި އަވަށު އޮފީސްތަކުގެ މަޝްވަރާއާ އެއްގޮތަށް ޕްލޭނެއް އެކުލަވާލުން.
(ޒ) ކައުންސިލްގެ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބިގަތުން.
(ޓ) ސިޓީގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
(ޔ) ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަޙްޤީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
(ޕ) ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
(ޖ) ސިޓީ ކައުންސިލްގެ އިދާރާ ހިންގުން.
(ޗ) ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
(ހހ) ޤައުމީ ތަރައްޤީގެ އޮނިގަނޑު އެކުލަވާލުމުގައި ސަރުކާރުގެ ވުޒާރާތަކަށް ދޭންވާ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
(ހށ) ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ރައްޔިތުންގެ ބައިވެރިވުމާއެކު ސިޓީގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، ސިޓީގެ ތަރައްޤީގެ ޕްލޭން ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފޮނުވުން، އަދި ކަމާބެހޭ ޤާނޫނުގެ ދަށުން ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލައި ސަރުކާރުގެ ކަމާބެހޭ އިދާރާއަށް ފާސްކުރުމަށް ފޮނުވުން.
(ހރ) ސިޓީގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، އެ ބިދޭސީންގެ ދަފްތަރު އެކުލަވާލައި، ބަލަހައްޓައި، އަޅަންޖެހޭ ފިޔަވަޅުތައް ޤައުމީ އިދާރާއާ ގުޅިގެން އަޅައި، އަހަރަކު އެއްފަހަރު ކަމާގުޅޭ އިދާރާއަށް ރިޕޯޓު ފޮނުވުން.
(ހބ) ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުގެ ޙާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބަލައި، ކަމާބެހޭ ޤައުމީ އިދާރާތަކަށް ރިޕޯޓުކުރުން.
(ހޅ) ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ނިންމާ ނިންމުންތަކާއި ހިންގާ ޙަރަކާތްތައް ހިނގާނުހިނގާ ގޮތް ބަލައި، ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކުރުން.
(ހކ) ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކާއި އެކިއެކި ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާއި ކައުންސިލާ ދެމެދު ގުޅުން ޤާއިމުކުރުން.
(ހއ) ކައުންސިލްތަކުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެ ސިޔާސަތުތަކާ ގުޅޭ އުޞޫލުތަކާއި ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ ގަވާއިދުތައް ހަދައި ފާސްކޮށް އެ ގަވާއިދުތަކާއި އުޞޫލުތައް ތަންފީޛުކުރުން.
2.1 ސިޓީ ކައުންސިލުން ދޭ ރަށްވެހިކަމުގެ ޚިދުމަތްތައް 40 ވަނަ މާއްދާ (7/2010)
(ހ) ކޮންމެ ސިޓީއެއްގައިވެސް، އަންނަނިވި ރަށްވެހިކަމުގެ ޚިދުމަތްތައް އެ ސިޓީއެއްގެ ރައްޔިތުންނަށް ލިބިދެވޭކަން ސިޓީ ކައުންސިލުން ކަށަވަރުކުރަންވާނެއެވެ.
1. މަގުތައް ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
2. އެކަށީގެންވާ ރައްކާތެރި ގޮތެއްގައި ކުނި ނައްތާލުން.
3. ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.
4. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮށްޓާއި ކަނޑުތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.
5. ދިވެހިރާއްޖޭގެ ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން، ކަރަންޓާއި، ފެނާއި، ފާޚާނާއާއި، ނަރުދަމާގެ ނިޒާމުފަދަ ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުން.
6. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތު ކެއަރއާއި ޞިއްޙީ ރައްކާތެރިކަމާގުޅޭ އަސާސީ ޚިދުމަތްތައް ދިނުން.
7. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލްގެ ޚިދުމަތްތައް ދިނުމާއި ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
8. ޢާންމު ލައިބްރަރީ ހިންގުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމު ޤާއިމްކުރުން.
9. އިޖްތިމާޢީ މަރުކަޒުތަކާއި، ކުޅިވަރުކުޅޭ ޢާންމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލަތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން.
10. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތްދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިންގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.
11. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ތަޢާރުޟުނުވާ ގޮތުގެމަތިން ބިމާބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތަކަށް ބިން ދޫކުރުމާއި ބިމާއި ޢިމާރާތްތައް ރަޖިސްޓަރީކުރުމާއި ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ގަވާއިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓައި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން އެކިއެކި ފަރާތްފަރާތުން ބިންބިމާ ގުޅޭގޮތުން ހިންގާ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ބެލެހެއްޓުން.
12. ސިޓީގައި ހިމެނޭ ބިންބިމުގެ ދަފްތަރު އެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.
13. މިސްކިތްތައް ބެލެހެއްޓުން.
14. ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
15. އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
16. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.
17. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
18. މަގުމަތީގައި ފެންހިންދުމަށް ހަދާފައިވާ ކާނުތައް ސާފުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
19. ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
20. ޕެސްޓް ކޮންޓްރޯލްކުރުން.
21. ޢާންމު ފަރުދުންނަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމްކުރުން.
22. ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބެލުން.
23. މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާއެއްޗެތި ދުއްވުމުގެކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެއަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތިޒާމުކޮށް ބެލެހެއްޓުން.
24. ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.
25. ސިޓީ ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި ބާޠިލުކުރުން.
26. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
28. ސިޓީ ކައުންސިލުން ދޭންޖެހޭނެ ކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޚިދުމަތްތައް ކައުންސިލުން ފޯރުކޮށްދޭންވާނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި، ކަމާބެހޭ ސަރުކާރުގެ އިދާރާއިން ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. އަދި އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ކައުންސިލްތަކުން ޢަމަލުކުރަންވާނީ، މި ޤާނޫނުގެ 39 ވަނަ މާއްދާގައި ބަޔާންކުރާ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ދާއިރާގެ ތެރޭގައެވެ.
2.3 ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް 41 ވަނަ މާއްދާ (7/2010)
(ހ) ސިޓީ ކައުންސިލް އެކުލެވިގެންވަނީ އަންނަނިވި ގޮތުގެމަތިން އެ ސިޓީއަކުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.
-1 (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މި ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ އިދާރީ ދާއިރާތަކުގެ ތެރެއިން ޏ. ފުވައްމުލަކަކީ އެއްފަސްކޮށް އޮތް 8 (އަށެއް) އަވަށެއްގެ މައްޗަށް އެކުލެވޭ އިދާރީ ދާއިރާއަކަށްވެފައި، ކޮންމެ އަވަށެއް އިދާރީގޮތުން ވަކި ރަށެއްގެ ގޮތުގައި ބެލެވެމުން އައިސްފައިވުމާއެކު، ޏ. ފުވައްމުލަކު ސިޓީ ކައުންސިލަށް މެންބަރުން އިންތިޚާބުކުރާނީ، ކައުންސިލްގެ މޭޔަރުގެ އިތުރުން، މި ޤާނޫނުގެ ދަށުން އިންތިޚާބުކުރުން ލާޒިމުވާ އަންހެން މެންބަރުން ހިމެނޭގޮތުން، އެއިން ކޮންމެ އަވަށަކަށް 1 (އެކެއް) ގޮނޑީގެ ނިސްބަތުން އިންތިޚާބުކުރެވޭ މެންބަރުންގެ މައްޗަށެވެ.
2.4 ސިޓީ ކައުންސިލްގެ މޭޔަރު އަދި ޑެޕިއުޓީ މޭޔަރ 42 ވަނަ މާއްދާ (7/2010)
(ހ) ސިޓީ ކައުންސިލްގެ މޭޔަރު އިންތިޚާބުކުރާނީ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާޠީ އުޞޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ.
(ށ) ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިންތިޚާބުކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
| ސިޓީ ކައުންސިލްގެ މޭޔަރު އިންތިޚާބުކުރާނީ ކައުންސިލް ނިސްބަތްވާ ސަރަޙައްދުގެ ރައްޔިތުންގެ މެދުގައި ދީމިޤްރާޠީ އުޞޫލުތަކުގެ މަތިން ނަގާ ސިއްރު ވޯޓަކުންނެވެ. |
| ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އިންތިޚާބުކުރާނީ ކައުންސިލްގެ މެންބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނޭ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ. |
2.5 ސިޓީ ކައުންސިލްގެ ޢުމުރު 43 ވަނަ މާއްދާ ((7/2010
(ހ) ސިޓީ ކައުންސިލްގެ ޢުމުރަކީ އެ ކައުންސިލް އިންތިޚާބުވާ ތާރީޚުން ފެށިގެން މީލާދީ 5 (ފަހެއް) އަހަރުދުވަހެވެ. ސިޓީ ކައުންސިލްގެ ޢުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އައު ކައުންސިލެއް އިންތިޚާބުކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން ހިނގަމުންދާ ކައުންސިލްގެ ޢުމުރު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިން އިންތިޚާބުކުރެވޭ އައު ކައުންސިލްގެ ޢުމުރު ގުނަން ފަށާނީ ހިނގަމުންދާ ކައުންސިލްގެ ޢުމުރު ހަމަވާ ތާރީޚުން ފެށިގެނެވެ.
2.6 މަސްއޫލިއްޔަތު ތައް: ސިޓީ ކައުންސިލްގެ މޭޔަރުގެ ވާޖިބުތައް 46 ވަނަ މާއްދާ (7/2010)
ސިޓީ ކައުންސިލްގެ މޭޔަރުގެ ވާޖިބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކައުންސިލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޛުކުރުން؛
(ށ) ކައުންސިލްގެ ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން؛
(ނ) ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ކައުންސިލުން އެކަށައަޅާ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަޤްޞަދުތައް ޙާޞިލުކުރެވޭނެ ގޮތަށް އިދާރާގެ މަސައްކަތްތައް ބައްޓަންކުރުން؛
(ރ) ކައުންސިލްގެ މަޝްވަރާގެ މަތިން އިދާރާގެ އޮނިގަނޑު އެކުލަވާލައި، ޑިވިޜަންތަކާއި ސެކްޝަންތަކާއި ޔުނިޓުތަކުގެ މަސައްކަތްތައް ކަނޑައަޅައި ތަންފީޛުކުރުން؛
(ބ) ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން؛
(ޅ) ކައުންސިލްގެ ޙަރަކާތްތައް ހިނގަމުންދަނީ ކައުންސިލްގެ މަޤްޞަދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުން؛
(ކ) ކައުންސިލުން އެކުލަވާލަން ލާޒިމުކުރާ ޕްލޭންތަކާއި ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، ޢާންމުކުރަންޖެހޭ ނިންމުންތައް ޢާންމުކުރެވޭކަން ކަށަވަރުކުރުން؛
(އ) ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން؛
(ވ) ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން؛
(މ) ކައުންސިލްގެ މާލީ ޒިންމާތަކާއި ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުތައް މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން އަދާކުރަމުންދާކަން ކަށަވަރުކުރުން؛
(ފ) ކައުންސިލްގެ މަސްއޫލިއްޔަތާއި ޒިންމާތަކާ ގުޅިގެން ރައްޔިތުންނަށާއި، މަސްއޫލު އިދާރާތަކަށް ޖަވާބުދާރީވުން؛ އަދި
(ދ) ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
2.7 ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ ވާޖިބުތައް 47 ވަނަ މާއްދާ (7/2010)
ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަސްއޫލިއްޔަތު ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ސިޓީ ކައުންސިލްގެ މަސައްކަތާ ބެހޭގޮތުން ކައުންސިލްގެ މޭޔަރަށް އެހީތެރިވެދިނުން.
(ށ) ކައުންސިލްގެ މޭޔަރުގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އޭނާ ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ ޢުޛުރުވެރިވެއްޖެ ޙާލަތެއްގައި، ނުވަތަ އެ މަޤާމު ހުސްވެއްޖެ ޙާލަތެއްގައި، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރާނީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރެވެ. މީގެ އިތުރުން، ކައުންސިލްގެ މޭޔަރު ކައުންސިލްގެ ޑެޕިއުޓީ މޭޔަރާ ޙަވާލުކުރާ މަސްއޫލިއްޔަތުތައްވެސް އޭނާ އަދާކުރަންވާނެއެވެ.
(ނ) ސިޓީ ކައުންސިލުން ކަނޑައަޅާ އެހެނިހެން ކަންކަން ކުރުން.
2.8 ސިޓީ ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތު 48 ވަނަ މާއްދާ (7/2010)
ސިޓީ ކައުންސިލްގެ މެންބަރުންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކައުންސިލްގެ މެންބަރު ނިސްބަތްވާ ސިޓީގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ކައުންސިލްގެ ސަމާލުކަމަށް ގެނައުމާއި، އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން؛
(ށ) ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިވުން؛
(ނ) ކައުންސިލްގެ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި މަސައްކަތްކުރުން؛
(ރ) ކައުންސިލުން އެކުލަވާލަންޖެހޭ ޕްލޭންތަކާއި އަހަރީ މަސައްކަތު ތާވަލާއި އަހަރީ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު އެކުލަވާލުމުގައި ޢަމަލީގޮތުން ބައިވެރިވުން؛ އަދި
(ބ) ކައުންސިލްގެ މަސްއޫލިއްޔަތުތަކާ ގުޅިގެން މޭޔަރު ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (WDC) 56 ވަނަ މާއްދާ (7/2010)
ސިޓީއެއްގައި ޤާއިމުވެފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް މަސައްކަތްކުރަންވާނީ، އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލާ އެކުގައެވެ. އަދި ކައުންސިލްތަކުން އެ ކޮމިޓީތަކަށް އެއްބާރުލުންދީ، އެ ކޮމިޓީތަކާ އެކުގައި މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖައްސަންވާނެއެވެ.
3.1 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(1) ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ކަންކަމުގައާއި، ކައުންސިލުން ފޯރުކޮށްދޭ ރަށްވެހިކަމުގެ ޚިދުމަތްތައް ތަރައްޤީކޮށް ހަރުދަނާކުރުމާ ބެހޭގޮތުން ކައުންސިލަށް ލަފާދިނުން؛
(2) ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތްކުރުން؛
(3) ފަންނުތަކުގައާއި ހިންގުމުގެ ދާއިރާގައާއި ވިޔަފާރީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ ގޮތްތަކުގެ ލަފާ ކައުންސިލަށް ދިނުމާއި، ކަމާގުޅޭގޮތުން ރަށުގައި ނުވަތަ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުން؛
(4) ދީނީ އަދި އިޖްތިމާޢީ ކަންކަމުގައި އަންހެނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ދެނެގަނެ، އެ އެހީތެރިކަން ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވޭނެ ގޮތްތަކުގެ ލަފާ ކައުންސިލަށް ދިނުން؛
(5) ގެވެށި އަނިޔާއާއި މަސައްކަތުގެ މާޙައުލުގައި ފުރައްސާރައިގެ ޢަމަލުތައް ހިނގުން ހުއްޓުވުމަށްޓަކައި، ރަށުގައި ނުވަތަ ސިޓީގައި ޤާއިމުކުރެވޭނެ ނުވަތަ ހަރުދަނާކުރެވޭނެ ވަސީލަތްތަކާއި އިންތިޒާމުތަކާ ގުޅޭގޮތުން ކައުންސިލަށް ލަފާދިނުން؛
(6) ބަލިތަކުންނާއި ޞިއްޙަތަށް ލިބޭ ގެއްލުންތަކުން ދުރުވުމަށާއި ރައްކާތެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ފަރުވާއާގުޅޭ ކަންކަން ހިމެނޭގޮތުން، އަންހެނުންނާއި ކުޑަކުދިންގެ ޞިއްޙަތާގުޅޭ ކަންކަމުގައި ހޭލުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ދެނެގަނެ އެކަމުގެ ލަފާ ކައުންސިލަށް ދިނުން؛
(7) އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ރަށް ނުވަތަ ސިޓީގެ ފެންވަރުގައި އެނޫންވެސް ޕްރޮގްރާމްތައް ހިންގުމާއި ހޭލުންތެރިކަން އިތުރުކުރުމާއި، ކަމާގުޅޭގޮތުން ކައުންސިލަށް ލަފާދިނުން.
4. ސިޓީ ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ލިޔުންތައް
މި ބާބުގައި
ލާމަރުކަޒީ ގާނޫނުގެ 106 ވަނަ މާއްދާގެ ދަށުން ތިރީގައި ބަޔާންކޮށްފައިވާ ލިޔުންތައް، ކަނޑައެޅިފައިވާ އުޞޫލުން ސިޓީ ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވަންވާނެއެވެ.
(ހ) ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6 (ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްސީލު ރިޕޯޓު.
(ށ) ކޮންމެ އަހަރެއްގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުގެ ކުރިން، ފާއިތުވި އަހަރު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްސީލު ރިޕޯޓު.
(ނ) ކޮންމެ އަހަރެއްގެ އޯގަސްޓް މަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު.
(ރ) ކޮންމެ އަހަރެއްގެ މާޗް މަހުގެ 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ ފާއިތުވި އަހަރުގެ އޮޑިޓް ރިޕޯޓު.
(ބ) ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 (ހަތަރެއް) މަސް ދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށް އޮތް 5 (ފަހެއް) އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން.
4.1 ރައްޔިތުންގެ މަޖިލީހަށް ރިޕޯޓު ހުށަހެޅުން
(ހ) ކޮންމެ ކައުންސިލަކުންވެސް އެ ކައުންސިލަކުން ހިންގާފައިވާ ޙަރަކާތްތަކާއި، ކައުންސިލަށް ލިބުނު އާމްދަނީއާއި، ޚަރަދުގެ ތަފްޞީލު އެނގޭނެ ރިޕޯޓު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް އަހަރަކު އެއްފަހަރު ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކައުންސިލްތަކުން ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅާ ރިޕޯޓުތަކަށް ބިނާކޮށް، މުޅި ރާއްޖޭގެ ހުރިހާ ކައުންސިލްތަކުން މަސައްކަތްކޮށްފައިވާ ގޮތް އެނގޭނެ ރިޕޯޓެއް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެކުލަވާލައި ކޮންމެ އަހަރަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
4.2 ރައްޔިތުންނަށް މަޢުލޫމާތު ދިނުން
ރައްޔިތުންނަށް ޢާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީއާއި ޖުލައިމަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓު ރައްޔިތުންނަށް ހުށަހަޅަންވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ ޢާންމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަންވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން ޢާންމުކޮށް ހާމަކުރަންވާނެއެވެ.
4.3 ރައްޔިތުންނާ މަޝްވަރާކުރުން (107 ވަނަ މާއްދާ – 7/2010)
(ހ) މި ޤާނޫނުގެ ދަށުން ރަށާއި ސިޓީ ކައުންސިލުން އެކުލަވާލަންޖެހޭ ތަރައްޤީގެ ޕްލޭނާއި، ކަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލާ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނާ ގުޅޭގޮތުން މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަންވާނެއެވެ.
(ށ) ރަށެއް ނުވަތަ ސިޓީއެއް ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ކައުންސިލްތަކުން ރައްޔިތުންނާ މަޝްވަރާކުރަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، މަދުވެގެން ކޮންމެ 4 (ހަތަރެއް) މަހަކުން އެއްފަހަރު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ބައްދަލުވުންތަކުގެ އިތުރުން، އެ ރަށެއްގައި ނުވަތަ ސިޓީއެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބަޔެއްގެ އެދުމުގެ މަތިން އެފަދަ ބައްދަލުވުމެއް ހަމަޖައްސައިދިނުމަށް ކައުންސިލަށް ހުށަހަޅައިފިނަމަ، އެފަދަ ބައްދަލުވުމެއް ބޭއްވޭނެ އިންތިޒާމު، އެ ކައުންސިލަކުން ހަމަޖައްސައިދޭންވާނެއެވެ. އަދި ހުށަހަޅާ މައްސަލައެއްގެ ކުޑަބޮޑު މިނަށް ބަލައި، ގިނަވެގެން 1 (އެކެއް) މަސްދުވަހުގެ ތެރޭގައި އެ ބައްދަލުވުން ބާއްވަންވާނެއެވެ.
(ބ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތުގައި ރައްޔިތުންނާ ބައްދަލުކުރެވޭނެ އިންތިޒާމު ކައުންސިލްތަކުން ހަމަޖައްސައިދިނުމުގައި އެ ކައުންސިލްތަކުން ޢަމަލުކުރާނެ އުޞޫލުތަކާއި، އެފަދަ ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތާއި، އެކި ކަންކަމުގައި ވޯޓަށް އެހުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ ގިނަވަގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ ކައުންސިލަކުންވެސް އެކުލަވާލައި ޢާންމުކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ނ) އަދި (ރ) ގެ ދަށުން ބާއްވާ ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 5 (ފަހެއް) ދުވަހުގެ ކުރިން، އެ ބައްދަލުވުން އޮންނާނެ ތަނާއި، ތާރީޚާއި، ވަގުތާއި، ބައްދަލުވުމުގެ އެޖެންޑާ ކައުންސިލުން ޢާންމުކުރަންވާނެއެވެ.
(ކ) ކައުންސިލުން މި މާއްދާގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ވަކި ޢަދަދެއްގެ ރައްޔިތުން ބައިވެރިވުން މި ޤާނޫނު ލާޒިމެއް ނުކުރެއެވެ.
(އ) ކައުންސިލުން މި މާއްދާގެ ދަށުން ބާއްވާ ބައްދަލުވުންތަކުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށްފަހު، އެ ބައްދަލުވުމުގެ ޔައުމިއްޔާ ލިޔެ، އެ ބައްދަލުވުން ބާއްވާ ތާރީޚުން ފެށިގެން ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ޢާންމުކޮށް ޝާއިޢުކުރަންވާނެއެވެ.
4.4 ސިޓީތަކުގެ ތަރައްޤީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލުން
(ހ) މި ޤާނޫނުގެ ދަށުން އަލަށް އެކުލަވާލެވޭ ކައުންސިލްތަކުގެ އިންތިޚާބަށްފަހު، އިންތިޚާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު ކަމާބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ސިޓީ ކައުންސިލްތަކުންނާއި ރަށު ކައުންސިލްތަކުން އެ ސިޓީއެއް ނުވަތަ ރަށެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ކަމާބެހޭ ޤާނޫނުގެ ދަށުން އެކުލަވާލަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ކަމާބެހޭ ޤާނޫނުގެ ދަށުން ފާސްކުރުމަށްފަހު، އެ ސިޓީއެއް ނުވަތަ ރަށެއްގެ ތަރައްޤީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަށް ޢަމަލުކުރަން ފަށަންވާނީ، މި ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން ރައްޔިތުންނާއެކު ބޭއްވޭ ބައްދަލުވުމުގައި ތަރައްޤީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަށް ޢަމަލުކުރުމަށް ފާސްވުމުންނެވެ. އަދި ތަރައްޤީގެ ޕްލޭނާއި ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ ކޮންމެ ފަހަރަކު މި މާއްދާގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
(ނ) ރަށުގެ ނުވަތަ ސިޓީގެ ތަރައްޤީގެ ޕްލޭން ފާސްކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.
(ރ) ރަށުގެ ނުވަތަ ސިޓީގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ތަންފީޛުކުރާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.
ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑު ނުވަތަ ޝަރުޠު
ސިޓީއެއްގެ ދަރަޖަ ދިނުމުގައި ބަލާނެ މިންގަނޑުތައް ނުވަތަ ޝަރުޠުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
މި ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ހުށަހަޅާ ހުށަހެޅުމެއް ދިރާސާކޮށް، ރައީސުލްޖުމްހޫރިއްޔާ އެ ހުށަހެޅުމާ އެއްގޮތަށް ސިޓީއެއްގެ ދަރަޖަ ދޭންވާނީ އަންނަނިވި ކަންކަން ފުރިހަމަވެފައިވާނަމައެވެ.
1. ސިޓީއެއް ކަމުގައި ކަނޑައަޅާ ރަށުގެ ނުވަތަ ރަށްތަކުގެ ރަޖިސްޓަރީވެފައިވާ އާބާދީ 10,000 (ދިހަހާސް) އަށްވުރެ ދަށްނުވުން.
2. ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީ ސެންޓަރު ކަމުގައި ކަނޑައަޅާ ރަށަކީ އިތުރަށް ހިއްކައިގެން ބޮޑުކުރުމުގެ ފުރުޞަތު އޮތް ރަށެއް ކަމުގައިވުން.
3. ޓަރޝަރީ ހޮސްޕިޓަލެއް ހުރުން.
4. ސިޓީގައި ދަށްވެގެން ފުރަތަމަ ޑިގްރީއާ ހަމައަށް ތަޢުލީމު ޙާޞިލުކުރެވޭނެ މަރުކަޒެއް ޤާއިމުވެފައިވުން.
5. ސިޓީ އުފައްދަނީ ގިނަ ރަށްތަކެއް އެކުވެގެން ކަމުގައިވާނަމަ، ސިޓީގެ ހުރިހާ ރަށެއް، ސަރުކާރުގެ ދަތުރުފަތުރާބެހޭ ވުޒާރާއިން ޤަބޫލުކުރާ މިންވަރެއްގެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލެވިފައި އޮތުން.
6. ސިޓީގައި ކޮމާޝަލް ހާބަރއެއްގެ ޚިދުމަތް ލިބެންހުރުން.
7. ސިޓީގައި ބޭންކެއްގެ ޚިދުމަތް ލިބެންހުރުން.
ކައުންސިލްގެ މާލީ ކަންކަން ބަލަހައްޓާނެ ގޮތް
މި ބާބުގައި
ކައުންސިލްގެ އެއްވެސް ފައިސާއެއް ޚަރަދުކުރަންވާނީ ކައުންސިލުން ފާސްކޮށްގެންނެވެ.
ކައުންސިލްގެ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލްގެ މުވައްޒަފަކު ބަލައިގަންނަ އެންމެހައި ފައިސާއަކީ ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ކައުންސިލްގެ ފައިސާއެވެ.
ރަށާއި ސިޓީގެ ފައިނޭންޝަލް ޕްލޭން މަދުވެގެން 5 (ފަހެއް) އަހަރުގެ، ރަށުގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ރަށު ކައުންސިލުން އެކުލަވާލައި ޢާންމުކުރަންވާނެއެވެ. ހަމަ މިގޮތަށް ސިޓީގައި ހިމެނޭ އަވަށްތަކުގެ ތަރައްޤީގެ ޕްލޭނަށާއި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، މަދުވެގެން 5 (ފަހެއް) އަހަރުގެ، ސިޓީގެ ފައިނޭންޝަލް ޕްލޭން ރައްޔިތުންގެ ބައިވެރިވުމާއެކު ސިޓީ ކައުންސިލުން އެކުލަވާލައި ޢާންމުކުރަންވާނެއެވެ.
ކައުންސިލްތަކަށް ހިނގާއަހަރު ލިބޭ، އާމްދަނީގެ 5 (ފަހެއް) އިންސައްތައަށްވުރެ މަދުނޫން ޢަދަދެއް ރިޒަރވްގެ ގޮތުގައި ރައްކާކުރަންވާނެއެވެ. މި ފައިސާ ބޭނުންކުރެވޭނީ ކުރިއަށްއޮތް އަހަރުތަކުގައި ޚަރަދުކުރުމަށެވެ.
ކައުންސިލްގެ ބަޖެޓު ފާސްކުރުން
ކައުންސިލަށް ލިބޭ އާމްދަނީއާއި އެކި ގޮތްގޮތުން ލިބޭ އެހީއާއި ނަގާ ލޯނަށް ބަލައިގެން ހިނގާ އަހަރުގެ ކައުންސިލްގެ ބަޖެޓު އެ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފާސްކުރަންވާނެއެވެ. އެއްވެސް ސަބަބަކާހުރެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ބަޖެޓު ފާސްނުކުރެވިއްޖެނަމަ، ކައުންސިލުން ފާއިތުވި އަހަރަށް ފާސްކުރި ބަޖެޓުގެ ރިކަރެންޓް ޚަރަދުތަކަށްވުރެ އިތުރުނުވާގޮތަށް ކުރިއަށްއޮތް އަހަރުގެ ރިކަރެންޓް ޚަރަދުތައްކުރުމުގެ އިޚްތިޔާރު ކައުންސިލްގެ ރައީސަށް ލިބިގެންވެއެވެ. އަދި ހިނގާ އަހަރުގެ ބަޖެޓު ފާސްކުރެވެންދެން ކައުންސިލްގައި އެނޫން މައްސަލައަކާބެހޭ ގޮތުން މަޝްވަރާއެއް ނުކުރެވޭނެއެވެ.
ހިސާބުތައް ހުށަހެޅުން
(ހ) ރަށު ކައުންސިލްގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް، ރަށު ކައުންސިލްގެ ރައީސް ހުށަހަޅަންވާނެއެވެ.
(ށ) ރަށު ކައުންސިލްތަކުން ފޮނުވާ އެ ކައުންސިލްތަކުގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ މަޢުލޫމާތު ޢާންމުކުރަންވާނެއެވެ.
(ބ) ސިޓީ ކައުންސިލްގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހަށާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް، ސިޓީ ކައުންސިލްގެ މޭޔަރ ހުށަހަޅަންވާނެއެވެ.
(ޅ) ސިޓީ ކައުންސިލްގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ ސިޓީ ކައުންސިލަކުން ޢާންމުކުރަންވާނެއެވެ.
7. ކައުންސިލުން މުދާ ހޯދުމާއި ނައްތާލުމާއި ދިނުމާއި އަދި ވިއްކުން :ކައުންސިލުން ހޯދާ އުފުލޭ އަދި ނުއުފުލޭ މުދާ ހޯދައި ނައްތާލައި އަދި ވިއްކަންވާނީ ސަރުކާރުގެ މުދަލާއި ފައިސާއާބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންނެވެ. ކައުންސިލްގެ މިފަދަ މުދަލެއް ނައްތާލައި ނުވަތަ އެފަދަ މުދަލެއް އެހެން ފަރާތްތަކަށް ދީ، ވިއްކޭނީ ކައުންސިލްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެކަން ފާސްކޮށްގެންނެވެ.
6.1 މާލީ ކަންކަމާއި ގުޅުންހުރި ޤާނޫނުތައް
މާލީ މަސްއޫލިއްޔަތު:
ސިޓީ ކައުންސިލް: ދައުލަތުން ދޭ Block Grant މެނޭޖުކުރުމާއި، ސިޓީގެ ވަސީލަތްތަކުން އާމްދަނީ ހޯދުން.
WDC: ކައުންސިލް ބަޖެޓުގެ މަދުވެގެން 5% WDC އަށް ޚާއްޞަކުރުން އަދި އަމިއްލަ ހަރަކާތްތަކުން އާމްދަނީ ހޯދުން.
ގުޅުންހުރި މުހިންމު ޤާނޫނުތައް:
ޤާނޫނު ނަންބަރު 2010/7: ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު.
ޤާނޫނު ނަންބަރު 2019/4: ދިވެހިރާއްޖޭގެ މާލިއްޔަތު ޤާނޫނު.
ޤާނޫނު ނަންބަރު 2010/8: ބިމާބެހޭ ޤާނޫނު.
7. މުހިންމު ސުންގަޑިތައް:
28 ފެބްރުއަރީ: އަހަރީ ހިންގުމުގެ ރިޕޯޓާއި މާލީ ރިޕޯޓު LGA އާއި އޮޑިޓަރ ޖެނެރަލްއަށް ހުށަހެޅުން.
15 އޮކްޓޯބަރު: ކުރިއަށްއޮތް އަހަރުގެ އަންދާސާ ބަޖެޓު LGA އާއި ފައިނޭންސް މިނިސްޓްރީއަށް ހުށަހެޅުން.
7.1 އެލްޖީއޭ ގެ ދައުރާއި ރައްޔިތުންގެ ބައިވެރިވުން
LGAގެ ދައުރު: ކައުންސިލްގެ މަސައްކަތްތައް ޤާނޫނާ އެއްގޮތަށް ހިނގާތޯ ފާރަވެރިވުމާއި، ފަންނީ އެހީތެރިކަން ދިނުން.
ރައްޔިތުންގެ ޙައްޤުތައް:
ކައުންސިލްގެ ނިންމުންތަކާއި މާލީ ހިސާބުތައް ހޯދައި ބެލުން.
ސިޓީގެ މުހިންމު ކަންކަމުގައި ކައުންސިލަށް ޕެޓިޝަން ހުށަހެޅުން.
އާންމު ބައްދަލުވުންތަކުގައި ސުވާލުކުރުމާއި ޚިޔާލުފާޅުކުރުން.